ދިވެހި ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ހާއްސަ ޝަރަފު އުތީމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ގައުމީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި، އުތީމު ރައްޔިތުންގެ ފަރާތުން މި އިނާމާ ހަވާލުވެވަޑައިގެންނެވީ އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
މި އިނާމު އުތީމު ރައްޔިތުންނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި 500 އަހަރުވަންދެން އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި، އެކަމަށް ދީފައިވާ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން ދަނީ ދިވެހި ގައުމު މިނިވަންކުރެއްވުމަށް މުހައްމަދު ތަކުރުފާނުގެ ތިންބެން ކުރެއްވެވި އަގުހުރި ޖިހާދުގެ ހަނދާންތައް އައު ކުރުމުގެ ގޮތުންނެވެ.
ގައުމީ ދުވަހެއް ރަސްމީ ފެންވަރުގައި ރަށެއްގައި ފާހަގަ ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.