އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގޢި ހުރެވޭގޮތަށް ބިލެއް

Maryam Ulya
By Maryam Ulya Add a Comment 1 Min Read

 

އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާގައި ހުރެވޭގޮތަށް “ރީ އެމްޕްލޯއިމަންޓް ބިލު” ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަންނާން މުހައްމަދު ރަޝީދެވެ.

ރީ އެމްޕްލޯއިމަންޓް އުސޫލުން 75 އަހަރާއި ހަމައަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ހަމަތަކާއި އުސޫލުތައް މި ބިލުން ކަނޑައެޅޭނެއެވެ.

މި ބިލުގައި ބުނެފައިވަނީ ރީ އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތް ކުރަމުން އަންނަ 65 އަހަރާއި 75 އަހަރާ ދެމެދު މީހުންގެ ތެރެއިން ވަޒީފާގައި ދެމިތިބުމަށް އެދޭ މީހުންނަށް ކަމަށެވެ. މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް އަހަރު ކުރިން ޕެންޝަން ހައްގުވުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ، ދައުލަތުގެ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީދާ ހަމަޖައްސައިދެވިދާނެ ކަމަށް ވެއެވެ.

އެހެން ނަމަވެސް އެ އުސޫލުގެ ދަށުން އެ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭން ޖެހޭނީ އަހަރުން އަހަރަށް އާ ކުރަން ޖެހޭ އެއްބަސްވުމެއްގެ ދަށުންކަމަށާއި، އެ އުސޫލުގެ ދަށުން މުވައްޒަފު ކުރިން ހުރި މަގާމު ނުވަތަ އެހެން މަގާމަކަށްވެސް އައްޔަންކުރެވިދާނެ ކަމަށް ބިލުގައި ވެއެވެ.

މީގެ އިތުރުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން ދޭ އަސާސީ ޕެންޝަނެއް ނުލިބުނު ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނުން ލިބިދޭން ޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެ ކަމަށް ބިލުގައި ވެއެވެ.

އަދި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން އަދި ގާނޫނު އަސާސީ އާއި ގާނޫނެއްގެ ދަށުން އައްޔަން ކުރެވޭ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް މި ގާނޫނު ނުހިނގާނެ ކަމަށް ބިލުގައި ވެއެވެ.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *