ޖެމްކިއު ނުވަތަ ޖީއެމްސީއީ ގެ ނަމުގައި ކުރިއަށް ގެންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ސްކޭމެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، ސީއެމްޑީއޭއާއި ގުޅިގެން މިރޭ ނެރެފައިވާ ނޫސްބަޔާނަކުއެވެ.
ފުލުހުން އެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި، ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ. އަދި މި ސްކީމްގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރީޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަނޑު ރަޖިސްޓްރީކޮށްގެން ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގޭނީ ރަޖިސްޓްރީކޮށް، ހުއްދަ ނަގައިގެން ކަމަށާއި އެހެންނަމަވެސް މި ސްކީމަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށެވެ.
އަދި މިފަދަ ޕިރަމިޑް ސްކީމުގެ ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއް ކަމަށެވެ.
މީގެއިތުރުން މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އެދިފައެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ ގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން ކަމަށާއި އަދި މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށ ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުން ކުރަމުން ގެންދާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.