ބޮޑެތި ހިޔާނާތްތަކުގެ ތުހުމަތު ކުރެވޭ ކުރީގެ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަރުކާރުގެ މައި ޕާޓީ ކަމުގައިވާ ޕީއެންސީގެ އިސް ސަފުން އަނެއްކާވެސް ފެންނަން ފަށައިފިއެވެ.
ފަޒުލް އާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލްއަށް ކުރެވޭ ތުހުމަތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ވަގަށް ގޯތި ދީފައިވާ މައްސަލައެކެވެ. އެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޑިސެމްބަރުު މަހު ތެރޭއެވެ.
މި މައްސަލައަށް ހަ މަސްވެގެން ދިޔަ އިރުވެސް މިކަމާ ގުޅިގެން އެއްވެސް ފަރާތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅިތަނެއް ނުފެނެއެވެ.
މި މައްސަލާގައި ފުލުހުން ވަނީ ފަޒުލްގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި އޭރު ފަޒުލްގެ ގެއިން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފެނުނެވެ. އެހެން ނަމަވެސް އެ ފައިސާތައް ފުލުހުން ހިފެހެއްޓުމުން އަމިއްލަ ކުންފުންޏަކުން އެ ފައިސާއާ ހަވާލުވުމުން ފުލުހުން ވަނީ އިތުރަށް އެ މައްސަލަ ތަހުގީގުނުކޮށް އެ ކުންފުންޏަށް ފައިސާތައް ދޫކޮށްލާފައެވެ.
ފަޒުލްއަށް ކުރެވޭ ކޮރަޕްޝަން މައްސަލައިގައި ފަޒުލް އާއި އޭނާގެ ބޭބެގެ އިތުރުން އެޗްޑީސީއާއި ހައުސިން މިނިސްޓްރީގެ އިސްވެރިންތަކެއްގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. ނަމަވެސް ފަހުން ވަނީ އެ އެންމެންގެ ޕާސްޕޯޓުތައް ދޫކޮށްލާފައެވެ.
އެ މައްސަލަ ފެންމަތިވުމަށް ފަހު ސިޔާސީ ހަރަކާތްތަކުން ފަޒުލް ނުފެނި ހުރުމަށް ފަހު، ރޭ ޕީއެންސީން ބޭއްވެ ސެނެޓް ބަައްދަލުވުމުގައި އިސް ސަފުގައި ފަޒުލް އިނެެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރު ތެރެއިން ހިނގާ މިފަދަ ގިނަ މައްސަލަތައް މި ފެންނަނީ ފަސް އަޅާ ފޮރުވާ މަންޒަރެވެ.
އެހެން ނަމަވެސް އެންމެ ފަހުން ރައީސް ބޭއްވެވި ނޫސް ކޮންޕަރެސްގައިވެސް ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.