ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް، ފުލުހުންނާ “ތޮޅޭ ތޮޅުން” ހުއްޓާލަން ޖެހޭ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު “އަހާ” ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ އިތުބާރު ގެއްލިފައިވަނީ މައިގަނޑު ދެ ސަބަބަކާ ހުރެކަމަށެވެ. އޭގެ އެއް ސަބަބަކީ ކޮންމެ ބަޔަކުވެސް އިސިކޮޅުގައި ތިބޭއިރު ފުލުހުންނާ ދެކޮޅުވުން ކަމަށެވެ. އަދި އިދިކޮޅުގައި އެމީހުން ތިބޭއިރު ފުލުހުންނާ ދިމާކުރުމަށްފަހު ވެރިކަމަށް އައުމުން އެމީހުންނަށް ފުލުހުން ރަގަނޅުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރު ހިފެހެއްޓުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ފުލުހުންނަށް އިތުބާރު ގެއްލޭ ދެވަނަ ސަބަބަކީ ޕްރޮފެޝަނަލް ބައެއް ޚިދުމަތްތައް ނުދެވުން ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ އިތުބާރު ފުލުހުންގެ ޚިދުމަތަށް ހޯދުމުގެ ގޮތުން ކުރައްވާ ބައެއް މަސައްކަތްތަށް މިނިސްޓަރ ކިޔާދެއްވިއެވެ.
އެއީ، ސަރުކާރު ހަވާލުވިއިރު ތަމްރީނު ނުލިބި ތިބި 1000 ފުލުހުން ތިބިކަން ފާހަގަކޮށް އެ އަދަދު 300 އަށް ދަށްކޮށްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ހުށަހަޅާ މައްސަލަ ތަކުގެ ތަހުގީގުތަކާއި ޚިދުމަތްތައް އަވަސްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
އަދި އޭގެއިތުރުން ތަހުގީގުތަކުގެ ފެންވަރު ރަގަނޅުކޮށް ޖަވާބުދާރީވެވޭނެ މުއައްސަސާއެއްގެ ގޮތަށް ފުލުހުންގެ ޚިދުމަތް ބައްޓަން ކުރުމާއި ފުލުހުންގެ ޚިދުމަތް ދޭކަން ރައްޔިތުން ގަބޫލުކުރާ މިންވަރަށް ޚިދުމަތްދިނުމާއި މަގުމައްޗަށް ނެރޭ ފުލުހުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތްތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އަބަދުވެސް ސިޔާސީ ފަރާތްތަކުން އިދިކޮޅަށް ގޮސް ، ފުލުހުންގެ މުއައްސަސާއާއި ތޮޅޭ ތޮޅުން ހުއްޓާލަން ޖެހޭ. އަޅުގަނޑުމެންގެ ކުޑަކުދިންނަށް އެބަ ޖެހޭ އެނޫން މަންޒަރުތަކެއް ފެންނަން. އަޅުގަނޑުމެންގެ ލޯ އެންފޯސްމަންޓު އެޖެންސީތަކަކީ ގާނޫނު އެންމެންނަށްޓަކައި ނަގަހައްޓާ ބައެއްކަން އެބަ ޖެހޭ ގަބޫލުކުރަން .
ސިޔާސީ ވާދަވެރިކަން އޮންނަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސިޔާސީ ދެކޮޅުވެރިކަން އޮތް ނަމަވެސް އޭގެތެރެއަށް ދައުލަތުގެ މުއައްސަސާތައް ނުވެއްދުމަށް އެދޭ ކަމަށްވެ.