ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޕާޓީ ކަމުގައިވާ ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ނޫސްވެރިޔާ މަދަދާއާއި ގުޅިގެން ދެއްކި ވާހަކަތައް ކުށްވެރިކޮށް ސަންގު ޓީވީން، ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލަށް ގޮވާލައިފިއެވެ.
ސަންގު ޓީވީ މިކަމާ ގުޅީގެން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ސަންގު ޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާއާއި ގުޅިގެން ޕީއެންއެފް ޖަލްސާގައި ދެއްކި ވާހަކަތަކަކީ ބަލައި ގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް އެކަމަށް އެކށީގެންވާ ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލަށް ސަންގުޓީވީން ގޮވާލާފައި ވެއެވެ.
ސަރުކާރާ ދެކޮޅަށް އަދި ސަރުކާރާ ގުޅުން ހުރި ބޭފުޅުންނާ ގުޅިގެން ޕީއެންއެފް ހަރުގެ ޖަލްސާގައި މީގެ ކުރިންވެސް ވަނީ ވާހަކަތަކެއް ދައްކާފައެވެ. ރައީސް މުއިއްޒު އަދި ރައީސް މުއިއްޒުގެ އާއިލާއާއި ގުޅިގެންވެސް ޕީއެންއެފް ޖަލްސާތަކުގައި ތަކުރާރުކޮށް އެކިއެކި ވާހަކަތައް ދަނީ ފަތުރަމުންނެވެ.
ރޭ ޕީއެންއެފްއިން ބޭއްވި މި ޖަލްސާ ވަނީ ޗެނަލް 13 އިން ލައިވްކޮށް ގެނެސްދީފައެވެ.