ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީނު ހަދަމުން ދަނިކޮށް ހާލު ސީރިއަސްވެ ފަރުވާ ދެމުން އައި ގާއިޝް ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ގާއިސް(34އ) ނިޔާވެފައިވަނީ ހާލު ދެރަވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ކަމަށެވެ.
ފުލުހުން ވަނީ ގާއިޝްގެ އާއިލާ އަދި ރައްޓެހިންގެ އިތުރުން އޭނާއާއި އެކު ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ތަމްރީނުގައިވާ ދަރިވަރުންނަށް ވޭކަޕްކޯލް ދިނުމަށް އޮފިސަރުން ވަދެ ދަރިވަރުން ހޭލެއްވުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ގާއިސްއަށް ގޮވުމުން ހަރަކާތެއް ނެތުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދެވުނު ކަމަށެވެ.
އަދި އޭގެފަހުން އިތުރު ފަރުވާއަށް ދ އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މެންދުރު 01:22 ހާއިރު އެއާ އެމްބިއުލާންސްގައި މާލެ ގެނެސް އިތުރު ފަރުވާ ދޭން ފެށި ކަމަށެވެ.
އައިޖީއެމްއެޗްގައި ގާއިސްއަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.
ގާއިސް ފުލުހުންގެ ތަމްރީނު ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހެވެ.